އަމާޒަކީ ބާރަސަތޭކަ އަށްވުރެ ގިނަ ޓެކްސީ ޑްރައިވަރުން، ފަސްޓް ރެސްޕޮންޑާ ޓްރެއިނިންގް ޕްރޮގްރާމްގައި ތަމްރީނުކުރުން ކަމަށް މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ފަރާތުން ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ފަސްޓް ރެސްޕޮންޑާ ޓްރެއިނިންގް ޕްރޮގްރާމް ފެށުމަށް ސްޓެލްކޯގައި މިއަދު ކުރިއަށް ގެންދިޔަ ހަފްލާއެއްގައެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފަސްޓް ރެސްޕޮންޑާ ކެއާ ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ހަފްލާގައި ވާހަކަ ދައްކަމުން މިނިސްޓަރު އަމީން ވިދާޅުވިގޮތުގައި ފަސްޓް ކެއާ ފޯރުކޮށްދިނުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރު ވަރަށް ބޮޑެވެ. އަދި މީގެ ކުރިންވެސް ޓެކްސީ ޑްރައިވަރުން ފަސްޓް ކެއާ ފޯރުކޮށްދިނުމުގެ ގޮތުން އެހީވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓެކްސީ ޑްރައިވަރުން ކުރަނީ ގައުމީ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ޓެކްސީ ޑްރައިވަރުންނަށް، ބަލިމީހުން އުފުލާނެ ގޮތާއި، ސީޕީއާރު އަދި އެހެނިހެން އަވަސް ފަރުވާތަށް ދޭނެ ގޮތް ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތް ގަޑިއިރަށެވެ.
މިއަދުގެ ހަފްލާގައި މިނިސްޓަރު ވަނީ ކުރިއަށް އޮތްތާގައި އަވަސް ފަރުވާގެ ހިދުމަތަށް ބޭނުން ކުރަމުން އަންނަ، ސީ އެމްބިއުލަންސްގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި ބައިނަލްއަގްވާމީ ފެންވަރުގެ ފަސްޓް ކެއާގެ ތަމްރީނުތަށް، ޓެކްސީ ޑްރައިވަރުން އަދި އެމްބިޔުލާންސް ޑްރައިވަރުންނަށް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.