ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އިތުރަށް ކުރެވިދާނެ މަސައްކަތްތައް ބެއްލެވުމަށް ޓުއަރިޒަމް މިނިސްޓަރު އައްޑޫ އާއި ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ނިންމައިފި އެވެ.
ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދަތުރުފުޅަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ސިލްސިލާ ދަތުރުތަކެއް ފެށްޓެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ދަތުފުޅަކީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ސިޓީ ކައުންސިލްތަކާއި ވިޔަފާރިތަކުގެ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް މިނިސްޓަރު ހިޔާލު ހޯއްދަވާނެ ކަމަށެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ބައިވެރިވާނެއެވެ.