ޚަބަރު

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި

އަހުމަދު ޖައިޝަން

ވަޒީފާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ދެ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު، ޞޯލިޙް މިއަދު އައްޔަނު ކުރައްވައިފި އެވެ.

މިއަދު އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މއ. އާޕިއާ، މުހައްމަދު ޒާހިރު އާއި ހ. އެލިއަތުވިލާ، މަރިޔަމް ޝަމްއާ އިބްރާހީމް އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުންނަށް ވަނީ މަގާމުގެ ލިޔުން ހަވާލުކުރައްވައިފައެވެ.

މެމްބަރުކަމަށް އައްޔަންކުރެއްވި މުހައްމަދު ޒާހިރަކީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ޝަމްއާ އަކީ ވިލާ ކޮލެޖުން "މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލުކުރައްވާފައެވެ. އޭނާއަކީ 2014 ވަނަ އަހަރުގައިވެސް ޓްރައިބިއުނަލްގެ މެމްބަރުކަން އަދާކުރައްވާފައިވާ ފަރާތެކެވެ.

އޭގެއިތުރުންވެސް އޭނާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޕެރެޑައިސް ހޮލިޑޭ އާއި ލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ފަދަ އިދާރާތަކުގައި މަސައްކަތްކުރައްވާފައެވެ.