ރަހީނު ކުރިމަކަށް ބުނާ ދޯނި ލ. ގަމުން ފުރަން އުޅުމުން އެރަށުގެ ބަޔަކު އެކަމަށް ހުރަސް އެޅި ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއެކު ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏެއް ބަޔަކު އަރައި އެ ދޯނި ރަހީނުކޮށް، ފޭރެން އުޅުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި އޭރު ދޯނި އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީގައި އެންދަމަން ދިއްލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން މިރޭ ބުނީ، އެ ދޯނި ގަމުން ފުރަން އުޅުމުން ރަށުގެ ބަޔަކު ނުކުމެ އެކަމަށް ހުރަސް އަޅައިފައިވާ ކަމަށާއި ނަމަވެސް ފުލުހުން ގޮސް ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.
ދޯންޏެއް ބަޔަކު އަރައި އެ ދޯނި ރަހީނުކޮށް، ފޭރެން އުޅުނު ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން މިއަދު "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހީން ވިދާޅުވީ، އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"ދޯނީގެ ވެރިފަރާތަށް ރޭގަ މައުލޫމާތު ލިބެނީ މާންދޫއަށް މަސް ކިރުވަން އައި ހަބަރު. އެކަން އެނގިގެން އެ ދޯނި ބަލައި ވެރިފަރާތުގެ އާއިލާ އާއި ދަރިން ލޯންޗެއްގައި ނުކުތީ. އެކަމަކު ދިޔައިރު މާންދޫގައި ދޯނި ނެތް ކަމަށް ވަނީ. ފަހުން ރަށު ބޭރުގައި ދިއްލައިގެން އޮއްވައި ފެނިގެން ދޯންޏާ ކައިރި ކޮށްފަ އެ ދޯންޏަށް އަރައި، އެމީހުން ބުނި ކަމަށް ވަނީ ދޯނީގެ މީހުންނާ މައްސަލަ ޖެހިގެން ނޫން ކަމަށް މިއައީ. ޖާބިރު ލާރި ނުދޭތީ ދޯނި ހޯދަންށޭ މިއައީ،" ދޯންޏަށް އެރި މީހަކާ ހަވާލާދީ ޝާހީން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދޯނީގައި ތިބި މީހުންނަށް އެ ވާހަކަތައް ކިޔައި ދިނުމުން ނަގިލި ނަގައިގެން ގަމަށް ދޯނި ވެއްދި ކަމަށެވެ. އަދި ދޯންޏަށް ރަށު މީހުން ދިޔައީ ފުލުހުންނަށް ވެސް އެންގުމަށްފަހު ކަމަށާއި އަދި އެ މައްސަލައިގައި ދޯންޏަށް އެރި އެންމެންގެ ނަން ނޯޓު ކޮށްފައި ދޫކޮށްލާފައިވާ ކަމަށް ޝާހީން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޖާބިރަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އެ ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމުގެ އެއްވެސް ތަފްސީލެއް ވެސް ނުދެއްވައި ފޯނު ވަނީ ކަނޑުއްވައިލައްވައިފައެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ، ރޭ 11:55 ހާއިރު ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރަން އެންގި ކަމަށާއި އަދި އެ ދޯންޏަށް ބަޔަކު އަރާފައިވާ ކަމަށް އެނގިފައިވާކަން ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުރަން ޖެހޭ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންކަމުގައިވެސް ފުލުހުން ބުންޏެވެ.