ޖުޑީޝަލް ސާވިސް ކޮމިޝަން

ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ސުއޫދު ދެއްކެވި ވާހަކަފުޅުތަކުުގެ ހަގީގަތް ބެލުމަށް ޖޭއެސްސީ އިން ކޮމިޓީއެއް އެކުލަވާލައިފި

1

ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ގޭންގުތަކުގެ ދައުރު އޮންނަ ކަމަށާއި، ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާ ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ހުސްވި ޑިސެމްބަރު މަހުގެ އެއްތިރީސްވަނަ ދުވަހު މަރުތަކާބެހޭ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސްނުއްސުޢޫދު ވިދާޅުވީ، ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި ކަމަށާއި، ފަނޑިޔާރުން އައްޔަންކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައި އޮންނަ ކަމަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝާކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަންޖެހޭމީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ، ގާނޫނީގޮތުން އެ ކޮމިޝަނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، މައުލުމާތެއް ކޮމިޝަނާ ހިއްސާ ކުރުމެއްނެތި، ސުޢޫދު އެފަދަ ވާހަކަތަކެއް މީޑިޔާއަށް އާއްމު ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ކޮމިޝަންގެ ބަޔާނުގައި، ޝަރުޢީ ދާއިރާގެ ހުރުމަތާއި، ރައްކާތެރިކަމަށް ހުރަސްއެޅޭ، އަދި ފަނޑިޔާރުންނާ މެދު އާއްމު ރައްޔިތުންގެ ހިތްތަކުގައި ނުރުމާއި، ނުތަނަވަސްކަން އުފެދޭ މިފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟