އަންނަ ބުދަ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ވީޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ބުދަ ދުވަހުގެ މެންދުރުފަހު 3:00ގައި އެބޭފުޅުން ތިއްބަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށެވެ.
އެ ތިން ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ނިންމެވީ ގާސިމް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން މިރޭ އަމުރުކޮށްފައި ވަނިކޮށެވެ. ގާސިމް މިހާރު ރާއްޖެއިން ބޭރުގައި އުޅުއްވަނީ އޭނާއަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށެވެ. ބޭސްފަރުވާއަށް އެންމެ ފުރަތަމަ ގާސިމް ވަޑައިގަތީ ސިންގަޕޫރަށެވެ. އެއަށްފަހު ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެގަމަށް ވަޑައިގެންނެވިއެވެ.
ނައިބު ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުން އޭގެދުވަސްކޮޅެއް ކުރިން ޑރ. ޖަމީލް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެ ގައުމުގައި ހުންނަވަނިކޮށް ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރިއެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ކެންސަލްކުރިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއަށްފަހު އޭނާ ހައްޔަރުކޮށް ދޫކޮށްލިފަހުންނެވެ. އޭނާގެ ޕާސްޕޯޓުވެސް ވަނީ ކެންސަލްކޮށްފައެވެ.
ސިންގަޕޫރުގައި ހުންނަވަނިކޮށް ގާސިމްގެ ޕާސްޕޯޓް ކެންސަލް ކުރިނަމަވެސް މިހާރު ވަނީ ޕާސްޕޯޓު ދޫކޮށްފައެވެ.