ސީޝެލްސްގެ ނައިބު ރައީސް ކަމަށް އައްޑޫ ސިޓީ އަބްދުﷲ އަފީފު ދީދީގެ ދަރިކަލެއް ކަމަށްވާ އަހުމަދު އަފީފް މިއަދު އިންތިހާބުވެއްޖެ އެވެ.
މީގެ 61 އަހަރު ކުރިން، އިނގިރޭސިން އަޑީގައި ތިބެގެން އުފެއްދި ދެކުނުގެ ދައުލަތުގައި އިސްކޮށް ހުންނެވި އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު ޝީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ އިއްޔެ ބޭއްވި އެގައުމުގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވި އިދިކޮޅު ޕާޓީ، ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލްޑީއެސް)ގެ ކެންޑިޑޭޓް ވެވެލް ރަމަކަލަވަންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުންނެވެ.
އެ އިންތިހާބުގައި ސީޝެލްސްގެ މިހާރުގެ ރައީސް ޑެނީ ފޯރޭއާއެކު ތިން ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އިންތިހާބު ރަމަކަލަވަން ކާމިޔާބު ކުރެއްވީ 54.9 ޕަސެންޓް ވޯޓް ހޯއްދައިގެންނެވެ.
މިއީ އިނގިރޭސިންގެ ކިބައިން ސީޝެލްސް އަށް މިނިވަންކަން ލިބުނު ފަހުން މިވީ 40 އަހަރުގެ ތެރޭގައި އެގައުމުގެ އިދިކޮޅު ޕާޓީއަކަށް ވެރިކަން ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ރަމަކަލަވަން ވާދަކުރެއްވި ހަ ވަނަ ރިޔާސީ އިންތިހާބެވެ. އެގޮތުން އެންމެ ފަހުން 2015 އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެންމެ 193 ވޯޓުގެ ތަފާތަކުންނެވެ.
އަހުމަދު އަފީފު އުފަންވެވަޑައިގަތީ ޖަނަވަރީ 6، 1967 ވަނަ އަހަރު ސީޝެލްސް އަށެވެ. ޕޮލިޓެކްނިކުން 1987 ވަނަ އަހަރު ތައުލީމު ހާސިލުކުރެއްވުމަށްފަހު އަހުމަދު އަފީފު މަސައްކަތް ކުރެއްވީ ސެންޓްރަލް ބޭންކް އޮފް ސީޝެލްސްގައި ކްލާކެއްގެ ގޮތުގަ އެވެ. އަދި ފަހުން 1989 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ލިބިވަޑައިގެން ސްކޮލަޝިޕެއްގައި އެގައުމަށް ވަޑައިގެން 1992 ވަނަ އަހަރު މޯސް އިން ބެޗްލާސް އޮފް ސައިންސް ހާސިލުކުރެއްވި އެވެ.
އަހުމަދު އަފީފު ސެޕްޓެމްބަރު 2016 އިން ފެށިގެން ހުންނެވީ ސީޝެލްސްގެ ނެޝަނަލް އެސެމްބްލީގެ މެންބަރެއްގެ މަގާމުގަ އެވެ. އަދި އެ މަގާމު އަދާކުރައްވަމުން އޭނާ ގެންދެވީ ފައިނޭންސް އެންޑް ޕަބްލިކް އެކައުންޓްސް ކޮމިޓީގެ ވައިސް ޗެއާޕާސަން ކަމާއި އެލްޑީއެސްގެ ޗީފް ވިޕްގެ މަގާމު އަދާކުރައްވަމުންނެވެ.