ޚަބަރު

އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުންގެ އިރުޝާދާ ހިލާފަށް : އެޗުއާރުސީއެމް

އަހުމަދު ޖައިޝަން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިދިޔަ ބުދަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗުއާރުސީއެމް) އިން ބުނެފިއެވެ.

އެޗުއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު 24ގައި އައިޖީއެމްއެޗުގެ ޔޫރޯލޮޖިސްޓެއް ވަނީ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރަންމެންޓް" އަކަށް ބަދަލުކުރެއްވުމަށް އިރުޝާދު ދީފައި ކަމަށެވެ. އެހެންނަމަވެސް ކަރެކްޝަނުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ސިއްހީ ފަރުވާދޭ ޑޮކްޓަރުން ވަކި ގޮތަކަށް ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް އެޗުއާރުސީއެމުން ވަނީ ބުނެފައެވެ. އެގޮތަށް އަމަލު ކުރުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކަރެކްޝަންގެ ޒިންމާއެއް ކަމުގައިވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗުއާރުސީއެމުން ބުނީ ނޮވެމްބަރު 10 ވަނަ ދުވަހު އަދީބުގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށް ފަރުވާ ދިނުމަށް ފަހު ދޫކުރި އިރު ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ.

އަދީބަށް ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގެ "ޑިސްޗާޗް ސަމަރީ" ގައި އައިޖީއެމްއެޗްގެ ޔޫރޮލޮޖީ އަށް ހާއްސަ ޑޮކްޓަރު "ފިޒިކަލް އެކްޒާޝަން ފޯ މަންތްސް, ސްޓްރެސް ފްރީ އެންވަރަމެންޓް އެންޑް ފެމެލީ ކެއަރ ފޯ 6 ޓު 8 ވީކްސް" ފާހަގަކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.