އައިޖީއެމްއެޗާ ދިމާ ބޭރު މޫދު ތެރެއިން މަރުވެފައި އޮއްވައި މިއަދު ފެނުނު ޒުވާނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން "ވަން" އަށް ކަށަވަރުވެއްޖެ އެވެ.
އެކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ "ވަން" އިން ސުވާލު ކުރުމުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރީ ކޮންކަހަލަ ޒަހަމްތަކެއް ކަމެއް ކަށަވަރުކޮށެއް ނުދެއްވި އެވެ.
"މަރުވެގެން ގެނައި މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ވެސް ވަނީ ލިބިފައި. އެ މައްސަލަ ފުލުހުން ތަހުގީގު އަންނާތީ އަޅުގަނޑުމެންނަށް އިތުރު މައުލޫމާތެއް ދެވޭކަށް ނެތް" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން އަދި ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ އާއިލާގެ މެމްބަރުންނާ ހަވާލާދީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރެމުންދާގޮތުގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ދީފަ އެވެ. އެގޮތުން އޭނާގެ ބައެއް އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް ބުނެފައިވެ އެވެ.