އެޑިއުކޭޝަން މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އިތުރަށް ބެލުމަށް ދެ މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ދެ މިނިސްޓްރީގެ ދެމެދު މަޝްވަރާ ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލު ކުރައްވައިގެންނެވެ.
ސްކޫލް ތަކުގެ ދަރިވަރުންނާއި، އިތުރު ފަރާތްތަކަށްވެސް އެހީތެރިވުމަށް ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ސްކޫލްތަކުގައި ކިޔަވަން ފަށާއިރު ރާއްޖޭގެ 25 ސްކޫލެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.