ފެން ހިއްކަން ބޭނުންކުރާ ތުވާލިން ނުބައިވަސް ދުވުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. އަދި މިއީ ހަމުގެ ކެންސަރު ޖެހުމަށްވެސް މަގުފަހިވާ ކަމެކެވެ. ތުވާއްޔަކީ ކޮންމެ ދުވަހަކު ދޮވެވޭ އެއްޗަކަށް ނުވާތީ ތުވާލި ރަނގަޅަށް އަވީލައި ހިއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބައެއް ފަހަރު އަވީލާ ހިއްކީމަވެސް ތުވާލިން ވަސްދުވަން މެދުވެރިވެއެވެ. އެހެން ކަމުން މި ލިޔުމުގައި ތުވާލިން ނުބައިވަސް ދުވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަށް ބަލައިލާނަމެވެ.
ގޯލްޑަން ރޫލެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ތުވާލި ތެތްކޮށް މާގިނައިރު ނުބޭއްވުމެވެ. އަވިން ނުވަތަ މެޝިނަށްލައިގެން ވެސް ތުވާލި ވީހާވެސް ބޮޑަކަށް ހިއްކުން މުހިއްމެވެ. މިއީ ތުވާލި ސާފުކޮށް އަދި ނުބައި ވަސް ދުވިޔަ ނުދިނުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ.
ތުވާލި ދޮންނަން ބޭނުން ނުވެ ނަމަވެސް ތުވާލިން ވަސްދުވާތީ އެއިން ރައްކާތެރިވުމަށް، މެޝިނަށް ތުވާލި ލުމަށްފަހު ވިނެގަރ އަޅައިގެން ދޮވެލާށެވެ. މި ގޮތަށް ދޮވެލާއިރު އެއްވެސް އޯމޯއެއް ނުވަތަ ސޮފްޓްނަރ އެއް ބޭނުން ނުކުރާށެވެ. ހަމަ އެކަނި ވައިޓް ވިނިގަރ ފުދޭނެއެވެ. އަދި މެޝިނަށް ލާނީ ހަމަ އެކަނި ތުވާއްޔެވެ.
ތިން ވަނަ ކަމަކަށް ތުވާލިން މާ ބޮޑަސް ވަސް ދުވާކަމަށް ވާނަމަ ތުވާލި މެޝިނަށް ލުމަށް ފަހު ބޭކިން ސޯޑަރ އަޅައިގެން ދޮވެލާށެވެ. މެޝިންގެ ޓެމްޕަރޭޗަރ ބަހައްޓަން ވާނީ ހޫނު ކޮށެވެ. އޭރުން ތުވާލީގައި ހުރި ބެކްޓީރިއާތައް މަރާލާނެއެވެ. އެއަށް ފަހު އަނެއްކާވެސް އެއް ފަހަރު ވިނެގަރ އެޅުމަށްފަހު ތުވާލީ ދޮވެލާށެވެ. މިއިން ހަމަގައިމުވެސް ތުވާލިން ހުރިހާ ނުބައި ވަހެއް ނައްތާލައި ތުވާލި ފްރެޝް ކޮށްލާނެއެވެ.