ޚަބަރު

ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް މަދު: ޕޮލިސް

މަރިޔަމް ޝަހުދާ

ދެހާސް ސަތާރަ ވަނަ އަހަރާ އަޅަބަލާއިރު ފާއިތުވި 2018ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުކަމަށް، ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިޒްމިއާ މިހެން ވިދާޅުވީ 2018 ވަނަ އަހަރުގެ ކްރައިމް ސްޓެޓިކްސްޓިކްސް ނޫސްވެރިންނާ ހިއްސާކުރުމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަވެ.

އޭނާ ވިދާޅުވީ، 2017 ވަނަ އަހަރާ އަޅާބަލާއިރު މަސްތުވާތަކެތީގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް، 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މިންވަރު މަދުކަމަށެވެ. އަދި 2018 ވަނަ އަހަރު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ އާއި މަސްތުވާތަކެތީގެ މައްސަލަ އާއި ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

އަތޮޅު ތެރެއަށް ބަލާއިރު 10 އަތޮޅެއްގައި 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތައް އިތުރުވިނަމަވެސް 9 އަތޮޅަކުން ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާ ކަމަށާއި އެއް އަތޮޅަކުން 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތައް 2017 ވަނަ އަހަރެކޭ އެއްމިނެއްގައި ހުރިކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ވައްކަމާ ގުޅޭ 3270 މައްސަލައެއް ހުށަހަޅަފައިވާއިރު 2017ގައި ހުށަހަޅާފައި ވަނީ ވައްކަމުގެ 3503 މައްސަލައެވެ. މަސްތުވާތަކެތީގެ 2230 މައްސަލައެއް 2018ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު 2017ގައި ފުލުހުންނަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ 2036 މައްސަލައެވެ. އަދި ޓްރެފިކާއި ގުޅޭ 2007 މައްސަލައެއް ފުލުހުންނަށް މިދިޔަ އަހަރު ހުށަހަޅާފައިވާ އިރު 2017ގައި ޓްރެފިކްގެ 2100 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

އިޒްމިއާ ވިދާޅުވި ގޮތުގައި މިއަހަރަކީ ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ އަހަރަކަށް ވުމުން ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.