ޚަބަރު

ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމައި، އަންނަ މަހުގެ އަށްވަނަ ދުވަހު ސަރުކާރާ ހަވާލުކުރެވޭނެ: އާޒިމް

އަލީ ޔާމިން

ހއ. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމައި، އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އާޒިމް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ހޯރަފުއްޓަށް ޒިޔާރަތްކުރައްވައިފައެވެ.

އެ ޒިޔާރަތަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓުގެ ރަންވޭއާއި ފްލައިޓް ޕާކިން އޭރިއާ (އޭޕްރަން)ގެ ހުރިހާ މަސައްކަތްތަކެއް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"މިހާރު އޭޕްރަން އާއި ރަންވޭގެ މަސައްކަތްތައް ގާތްގަނޑަކަށް އެއްކޮށް ނިމިފައި މިއޮތީ. މިހާރު މި ހިނގަނީ އެތަނާ (އެއާޕޯޓާ) ގުޅުންހުރި މަގުތަކުގެ މަސައްކަތް. އޭގެ އިތުރަށް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ޓާމިނަލްގެ ފަޔާ ބިލްޑިންގެ މަސައްކަތް އަދި ފަޔާ ޕޮންޑެއް ހެދުމުގެ މަސައްކަތް ހިނގަމުންދާނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ ފަޅެއް ހިއްކައިގެން ހަދާ އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓަކީ އެއްވެސް ހުއްޓުމެއް ނައިސް އެމްޓީސީސީއަށް މަސައްކަތްތައް ކުރިއަށް ގެންދެވޭ ފުރަތަމަ އެއާޕޯޓް ކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް އެއާޕޯޓުގެ މަސައްކަތްތައް ނިންމައި، ސަރުކާރާ ހަވާލުކުރުމަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ 8 ނޮވެމްބަރުގެ ކުރިއަށް އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ނިންމައި ސަރުކާރާ ހަވާލުކުރެވޭތޯ. އޭރުން 11 ނޮވެންބަރުގައި އެއާޕޯޓު ހުޅުވުމަށް ސަރުކާރުން އެ ބޭނުންވާ ލަނޑުދަނޑިއަށް އަޅުގަނޑުމެންނަށް ގެންދެވޭނެ،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 35 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮންޑުދޮށް ހިމާޔަތްކުރުމާއި ރަންވޭއާއި ތާރުއެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ފަޔާ ބިލްޑިންގްއާއި ޕެސެންޖާ ޓާމިނަލްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.

ހޯރަފުށީ އެއާޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް 198 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް 13.8 މިލިއަން ރުފިޔާއަށް ހަވާލުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.