ގޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެއްވުމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މަސައްކަތްފުޅުތަކެއް ފައްޓަވައިފި އެވެ.
މިނިސްޓަރު ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކަނޑަށް އަޅާ ޕްލާސްޓިކު މަދަކުރުމަށް ޕްލާސްޓިކް ސްޓްރޯސް ނުވަތަ ހޮޅިތައް ބޭނުންކުރުން ހުއްޓާލުމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.
އޭގެއިތުރުން ޕްލާސްޓިކް ފެންފުޅި ގެއަށް ގެންދެވުން ހުއްޓަވާލައްވާފައިވާ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި އަޅުގަނޑުމެން ގޭގައި ވޯޓާ ޕިއުރިފިކޭޝަން ސިސްޓަމެއް ވަނީ އިންސްޓޯލުކޮށްފަ،" ޝައިނީ ވިދާޅުވިއެވެ.
އޭގެ ސަބަބުން ކުޑަ ނަމަވެސް އެހީއެއް، ކަނޑު ރައްކާތެރިކުރުމަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދަނީ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅިތައް ބޭނުންކުރުން ހުއްޓުވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.