ޚަބަރު

ކުރިން ހިންގި ބީސީސީއައި ގައި ހުރި ފައިސާ ނެގުމަށް ފަހު ފުރުސަތެއް!

އަހުމަދު ޖައިޝަން

މީގެ ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޓިޑް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އަށް އާންމުންގެ ފަރާތްތަކުން ޖަމާކޮށްފައިވާ ފައިސާތައް ނެގުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުގެ ފުރުސަތު ދީފިއެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ 27 އަހަރު ކުރިން ހިންގި އެ ބޭންކުގައި ހުރި ފައިސާތައް 1995 ވަނަ އަހަރުން ފެށިގެން އާންމުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެތައް ފަހަރެއްގެ މަތިން އެންގުމުންވެސް ބައެއް ފަރާތްތަކުން އަދިވެސް ފައިސާ ނަގާފައި ނުވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އާންމުންނަށް ހަވާލުކުރަމުން ގެންދާ އެ ފައިސާ، ނެގުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މާޗު މަހުގެ ނިޔަލަށް ކަމަށް، އެމްއެމްއޭ ގެ އިއުލާނުގައި ބުނެފައިވެއެވެ.

ވިޔަފާރި ބަނގުރޫޓުވުމުގެ ސަބަބުން ބީސީސީއައި ގެ މާލޭގެ ބްރާންޗް ބަންދުކޮށްފައިވަނީ 1991 ވަނަ އަހަރު އެވެ. އެއާއެކު އެ ބޭންކުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ހައްގުތަކާ ހަވާލުވެފައިވަނީ އެމްއެމްއޭ އިންނެވެ.