މެލޭޝިޔާގައި، ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް ބޭނުންކުރުމުގެ އުސޫލަށް ގެނައި ބަދަލަކާއި ގުޅިގެން ދިވެހި ލައިސަންސް ބަލައިގަތުން އެގައުމުން ހުއްޓާލައިފިއެވެ.
މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މެލޭޝިއާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް ބޭނުންކުރުމާ ބެހޭ އުސޫލުތައް ހަރުދަނާ ކުރުމަށް، އެ ގައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިއާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސަންސް ބޭނުން ކުރުމާއި، ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެމްބަސީއަށް އަންގާފައިވާ ކަމަށެވެ.
އެހެން ކަމުން، އެމްބަސީން ދޫކޮށްފައިވާ ލިޔުމާއެކު މެލޭޝިޔާ ގައި، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކުން ވެސް ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް އެމްބަސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މެލޭޝިޔާގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސަންސް ނަގައިގެން އުޅަނދު ފަހަރު ދުއްވޭނެ ކަމަށާއި، އިންޓަނޭޝަނަލް ލައިސަންސް އޮންނަ ފަރާތްތަކަށް ވެސް މެލޭޝިއާގައި ދުއްވޭނެ ކަމަށް އެމްބަސީން ބުނެއެވެ. އަދި އެބަދަލަކީ ވަކި ގައުމަކަށް ގެނައި ބަދަލެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
ދިވެހި ލައިސަންސް ބަލައިނުގަންނަން ނިންމުމުން އެކަމުގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިންތަކަކަށް ކުރާނެތީ، ދިވެހި ސަރުކާރުން ގެންދަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މިހާރު މަޝްވަރާކުރަމުން ކަމަށްވެސް އެމްބަސީން ބުނެފައި ވެއެވެ.