ޚަބަރު

ސޯޝަލް މީޑިޔާގައި މީހުންނަށް އިންޒާރުދޭ މައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށައިފި

މަރިޔަމް ޝަހުދާ

ފޭސްބުކް އަދި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި މީހުންނަށް އިންޒާރުދޭ މައްސަލަތައް ފުލުހުން ބަލަން ފަށައިފި އެވެ.

ރޭ ފުލުހުން ކުރި ޓުވީޓެއްގައި ވަނީ ފަހަކަށް އައިސް ސޯޝަލް މީޑިޔާގައި ނަފްރަތު އުފައްދާގޮތަށް ވާހަކަ ދެއްކުމާއި އިންޒާރުދިނުން ފަދަ ކަންކަން ގިނަވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފުލުހުން މިކަންކަން ތަހުގީގު ކުރާ ކަމަށާއި، ތަހުގީގުތައް ކުރިއަށް ގެންދާއިރު މިފަދަ ކަންކަން އިތުރަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ނަފްރަތު އުފެއްދުމާއި މީހުންނަށް އިންޒާރު ދިނުން ސޯޝަލް މީޑިޔާގައި ގިނަ ވެފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް އެކައުންޓްތައް ހަދައިގެން މީހުންނަށް އިންޒާރު ދިނުމާއި، ފޭކް އެކައުންޓްތައް ހަދައިގެން މީހުންނަށް ހަނގާ ކުރުން ފަދަ ކަންކަން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ގިނަ ވަމުންނެވެ.