މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދިން ކަމަށް ތުހުމަތުކޮށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައްސަލަ ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް މައްސަލަ ނުނިމޭތީ ބައެއް އޮފިސަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެކަމުގެ ކަންބޮޑުވުން ބައެއް އޮފިސަރުން ވަނީ "ވަން"އާ ހިއްސާކޮށްފައެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދިން މައްސަލާގައި ތުހުމަތުކޮށް، އެންއައިސީއަށް މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އަދި މުހައްމަދު ޝާހީން އަލީއާ ދެކޮޅަށެވެ.
"ވަން" އާ ވާހަކަދެއްކި ބައެއް އޮފިސަރުން ބުނީ ޕްރޮމޯޝަން ދީފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އެ ސާވިސްގެ ގިނަ އޮފިސަރުންތަކެއް ތުހުމަތުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެންއައިސީއަށް އޮފިސަރަކު ހުށަހެޅި މައްސަލަ ނުނިމި ލަސްވާތީ ކަންބޮޑުވާ ކަމަށް "ވަން" އަށް މައުލޫމާތު ހިއްސާކުރި އޮފިސަރުން ބުންޏެވެ.
"އަޅުގަނޑުމެންގެ މައްސަލައަކީ އިންސާފުވެރިކޮށް ކަންކަން ނުނިމޭތީ. އަޅުގަނޑުމެން އެކަމާ އިންތިހާއަށް ކަންބޮޑުވަން. ޕްރޮމޯޝަން މައްސަލާގައި އަޅުގަނޑުމެން ބޭނުންވަނީ އިންސާފު،" އޮފިސަރަކު ބުންޏެވެ.
ރިޔާސީ އިންތިޚާބު ފެށުމުގެ ދުވަސްކޮޅެއް ކުރިން އެ ދެ ބޭފުޅުންގެ ތެރެއިން ޝާހީން ހުންނެވީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ވެރިއަކަށެވެ. އަދި މޫސާ އަންވަރު އޭރު ހުންނެވީ މާލޭ ޖަލާ ހަވާލުވެއެވެ.
އިންތިޚާބަށް ކަންކަން ހަރުދަނާކުރުމަށް ކަމަށް ބުނެ އެ ދެ ބޭފުޅުން ވަނީ ކަރެކްޝަންސްގެ ހެޑް ކުއާޓަރަށް ބަދަލުކޮށްފައެވެ. ނަމަވެސް ޕްރޮމޯޝަން ބޯޑުން ވަކިކުރިކަން އަދި އެނގިފައެއް ނުވެއެވެ.
ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދިން ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ނުނިމި ލަސްވާ ސަބަބެއް އެންއައިސީ އިން ބުނެފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެ ކޮމިޝަންގެ ބަހެއް އަދި ނުލިބެއެވެ.