ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފިއެވެ.
އާދަމް ޝަރީފް، ޕީއެންސީއާ ގުޅިވަޑައިގެންފައިވާކަން އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައީސް ޔާމީން އިސްވެ ހުންވައިގެން އުފައްދަވާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށާއި އާދަމް ޝަރީފަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ހަރަކާތްތެރިވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީ ދޫކުރައްވައި، ޕީއެންސީއާ ދަނީ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު ވެސް ވަނީ ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ އެ ޕާޓީން އިސްތިއުފާ ދެއްވާފައިވަނީ އަބްދުއްރަހީމެވެ. އޭނާ އެ ޕާޓީން އިސްތިއުފާ ދެއްވާފައިވަނީ އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނުމުންނެވެ.