ޚަބަރު

ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުން ސައީދު އިސްތިއުފާ ދެއްވައިފި

ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުން ކުރީގެ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސްކަމުން ސައީދު އިސްތިއުފާ ދެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ސައީދަކީ ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމް އިން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭރު ސައީދާއެކު ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ އެ ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅަކީ އަބްދުއްރަހީމެވެ. އޭނާ އެ ޕާޓީން އިސްތިއުފާ ދެއްވާފައިވަނީ އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނުމުންނެވެ. މިހާރު އަބްދުއްރަހީމަކީ ޕީއެންސީގެ މުއައްސިސެވެ.