އޮގަސްޓު 8، 2014 ވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް އަދިވެސް ބޭރުގެ އިންވެސްޓިގޭޓަރު ގެނެވިފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރިލްވާން ގެއްލުނުތާ މިއަހަރު، ހަ އަހަރު ފުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ އިންވެސްޓިގޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރިލްވާން މައްސަލައިގެ ތަހުގީގު ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރު އަދި ގެނެވިފައިނުވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އޭނާ ގެނެވޭނެ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ތަހުގީގު ޓީމަށް ގެންނާނެ ބޭރުގެ އިންވެސްޓިގޭޓަރު މިހާރު ވަނީ އިހްތިޔާރުކޮށްފަ އެވެ. އަދި އޭނާ ގެނައުމަށް ލަސްތަކާ ކުރިމަތިވެފައިވަނީ ކޮވިޑާ ގުޅިގެން ކަރަންޓީނުވުމާއި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާތީކަން ވަނީ އެނގިފަ އެވެ.
މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަން ކޮށްދިނުމަށް އެދި ރައީސް ސޯލިހުގެ އަރިހުން ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދުނީ މިދިޔަ ޖުލައި މަހު ކުރީކޮޅު، އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.
ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިލްވާންގެ އާއިލާއިން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ރިލްވާން އާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށާއި އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައިވާތީ ކަމަށް ބުނެފަ އެވެ.