ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީވަންތަކަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ ޅަދަރީންނާއި ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި އުފެދިގެން: ރައީސް

މަރިޔަމް ޝަހުދާ

ދިވެހިންގެ ގައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ސިފަތަކަށް ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބާގައި މިއަދު ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ގައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށެވެ.

ގައުމިއްޔަތަކީ ގުރުބާނީތަކުގެ ބިމުގައި ގައުމީ ބަތަލުންގެ ޖިހާދީ ލެއި އަދި ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް އެންމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް ހަރުލައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ހިއްސާކުރާ ބަޔަކަށް ވީކަމީ ދިވެހިންގެ ގައުމީ ޝަރަފާއި ފަހުރު އިތުރުވެގެންދާ ކަމެއް ކަމަށެވެ. އަދި މިއީ އަހަރެމެންނާއި ހަވާލުވެފައިވާ ގައުމީ އަމާނާތެއްކަން ގަބޫލުކޮށް ގައުމިއްޔަތުގެ ތަނބުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭ ކަމެއް ކަމށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.