ޚަބަރު

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. ހުސެއިން ފާއިޒް ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. ހުސައިން ފާއިޒް ހަމަޖައްސަވައިފި އެވެ.

ފާއިޒް މި މަގާމަށް އައްޔަން ކުރުމަށް ނިންމަވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ސެކްރެޓަރީ ޖެނެރަލްއެވެ.

ކޯޓުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި އެ ކަންތައްތައް ހިނގަމުންދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

އަދި ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާ ގުޅޭގޮތުން، ސިޔާސަތުތައް އެކުލަވާލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު، ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުމާއި އެކުލަވާލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީއަށް ދުރުރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްގީގެ މަޝްރޫއުތައް، އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭންތަކާއި އެކިއެކި ހަރަކާތްތަކުގެ މަސައްކަތުގެ ތާވަލު އެކުލަވައި ތަންފީޒުކޮށް، ހިންގައި މޮނިޓަރކޮށް ބެލެހެއްޓުމީ ވެސް ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ފާއިޒް އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތަކެވެ.