ތިމާވެއްޓަށް ބޮޑެތި ގެއްލުންދޭ އެހެން މީހުންގެ ނަންތައް ހާމަނުކޮށް މައްސަލަ ހައްލެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަންތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދަނީ ހާމަކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ މަގުމައްޗަށް ކުނި އެޅި ތިން މީހެއްގެ ނަން އާންމުކޮށްފައެވެ.
އެކަމާ އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެރަ ނިކަމެތި މީހާގެ ނަން އާންމުކޮށް، ލަދު ގަންނަވާލުމަކީ ކަންކަން ހައްލުކުރަން އޮތް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަދި އެއާއެކު އެހެން ޒާތުގެ ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާ ކަމަށް ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
"ކޮބާތަ ކަނޑަށް ކުނި އަޅައި، ފަރުތައް ހިއްކާ، ގަސްތައް ދަމާ އުފުރާ މީހުން،؟ އިސްލާހު ކުރަން އެދޭނަމަ ހިކުމަތުގެ ބޭނުންކުރައްވާ،" އޭނާ ވިދާޅުވިއެވެ.