މުހައްމަދު އައުޒަމް
އެމްއެޗް 370ގެ ބައިތައްކަމަށް ބެލެވޭ 33 ބައެއް މެލޭޝިއާއާ ހަވާލުކޮށްފައިވާ ކަމަށް، ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ތަހުގީގު މިނިވަންކަމާއެކު ހިލޭސާބަހަށް ކުރަމުންދާ އެލެން ގިބްސަން ވިދާޅުވެއްޖެއެވެ.
ވަން އޮންލައިނަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ގިބްސަން ވިދަޅުވީ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ގެއްލުނު ފަހުން އެތައް ދުވަހެއް ވެފައިވާއިރު މިހާތަނަށް ފެނިފައިވާ ބައިތަކަށް ބަލާނަމަ ބޯޓު ވެއްޓިފައިވާކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ގިބްސަން ވިދާޅުވިއެވެ.
އަހަންނަށް ޔަގީން ވާގޮތުން ބޯޓު ވަނީ ވެއްޓިފައި، މިހާތަނަށް ފެނިފައި ހުރި ބައިތަކަށް ބަލާނަމަ ބަޔަކު ހަމަލާ ދީގެން ބޯޓު ގޮއްވާލިކަމުގެ އެއްވެސް ވަރެއްގެ ހެއްކެއް ފެންނާކަށް ނެތް، ނޭނގޭ ކަމަކީ ބޯޓު ވެއްޓެން ދިމާވީ ކޮންސަބަބެއް ކަމާއި ކޮންތަނެއްކަން،ވަން އޮންލައިން އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ގިބްސަން ވިދަޅުވިއެވެ.
ގިބްސަން ވަނީ ރާއްޖެއަށްވެސް ތިން ފަހަރެއްގެ މަތިން ޒިޔާރަތް ކޮށްފައެވެ. އަދި ބޯޓު ފެނިފައިވާ ކަމަށް ބުނާ ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކޮށް ތިން ފަހަރެއްގެ މަތިން އިންޓަވިއު ނަގާފައިވާ ކަމަށް ގިބްސަން ވިދާޅުވިއެވެ.
ކުޑަހުވަދޫ މީހުން އެބަބުނޭ އެމީހުންނަށް ވަރަށް ތިރިން ދަތުރުކުރި ބޮޑު ފްލައިޓެެއް ފެނުނުކަމަށް، އެކަމަކު އަހަރުމެންނަށް ޔަގީނެއް ނުވޭ އެއީ އެމްއެޗް 370 ކަމެއް، މިހާރު އެންމެ މުހިންމު ކަމަކަށް ވާނީ ފެންނަމުންދާ ބައިތައް ބަލައި ބޯޓު ހޯދުމުގެ މަސައްކަތް ފެށުން ...ވަން އޮންލައިން އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ގިބްސަން ވިދަޅުވިއެވެ.
ގިބްސަން ވިދާޅުވީ ކުޑަހުވަދޫ މީހުންނަށް ބޯޓު ދިޔަ ކަމަށް ފެނުނު ރޫޓަށް ބަލާއިރު މިހާރު މިފެންނަ ބައިތަކުން ބޯޓު ވެއްޓިފައިވާނެ ކަމަށް ބެލެވޭ ސަރަހައްދު ހޯދަން ފަސޭހަ ވާނެ ކަމަށެވެ.
މިހާތަނަށް ފެނުނު ބައިތަކުގެ ތެރެއިން 20 ބަޔަކީ މަޑަގަސްކަރަ އާއި މޮޒަމްބީގްގެ އައްސޭރިފަށުގައި އުޅޭ މީހުންނާ ގުޅިގެން ހޯދާފައިވާ ބައިތައްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަޑަގަސްކަރައިން ބޯޓުގެ ބައިތައް ކަމަށް ބެލެވޭ 19 އެތިކޮޅު އަދި މޮޒަމްބީގުން އެކަތިކޮޅު ހޯދިފައިވާ ކަމަށެވެ. ގިބްސަން ވިދާޅުވީ މިހާތަނަށް 18 އެތިކޮޅު މެލޭޝިއާގެ އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ގިބްސަން އަށް ހޯދުނު ބައިތަކުގެ ތެރެއިން އެކަތީގައި އެމްއެޗް 370 ގެ ފްލޯ ޕެނަލްގެ ބައެއް ކަމަށް ވަނީ ޔަގީން ވެފައެވެ.
ގިބްސަން ވިދާޅުވީ އިތުރަށް ފެނިފައިވާ 15 ބައެއް ފެނިފައިވަނީ އެހެން ގައުމުތަކުންނެވެ. އެއީ ލާރިޔޫނިއަން އަދި އެފްރިކާގެ އިތުރުން މޮރިޝަސް އާއި މޮޒަންބީގު އަދި ޓަންޒޭނިއާ އިންނެވެ. މިހުރިހާ ބައިތަކެއް ވެސް މިހާރު މެލޭޝިއާގެ އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށް ގިބްސަން ވިދާޅުވިއެވެ.
މިހާތަނަށް ހޯދިފައިވާ ބައިތަކުގެ ތެރެއިން ހަވާލުނުކުރެވި ހުރި ދެބައި ވަނީ މަޑަގަސްކަރައިގެ އޮފިޝަލުންގެ އަތުގައި ކަމަށް ގިބްސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި މެލޭޝިއާ އޮފިޝަލުންނާ ހަވާލުކުރުމަށް އެމަސައްކަތާ ހަވާލުވެފައި ހުރި މަޑަގަސްކަރައިގެ ކައުންސިލްގެ މެމްބަރުގެ ކުއްލި މަރާ ގުޅިގެން އެ ހަވާލުކުރުން މަޑު ޖައްސާލާފައިވާ ކަމަށެވެ. ގިބްސަން ވިދާޅުވީ އޭނާ މަރާލުމާއި މިކަމާ ގުޅުމެއްވާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގިބްސަން ވިދާޅުވީ އެމްއެޗް 370 ވެއްޓިފައިވާ ތަން އަދިވެސް ހޯދިދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ފެންނަމުންދާ ބައިތައް އަންނަ ކަމަށް ބޮޑަށް ލަފާކުރެވެނީ ރާއްޖޭގެ ދެކުނު އިރުން އޮސްޓްރޭލިއާގެ އައްސޭރިފަށާ ދިމާލުގެ ސަރަހައްދުން ކަމަށެވެ.
2014 ވަނަ އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހު 239 ފަސިންޖަރުންނާއެކު ބެއިޖިންގއަށް ދަތުރުކުރުމަށް ކުއަލަލަމްޕޫރުން ފުރި ފްލައިޓްގެ ހަބަރެއް ނުވެ ގެއްލިފައިވާ އިރު މިހާތަނަށް ބެލި ބެލުމުން ބޯޓުގެ ހިލަމެއް ވަނީ ނުވެފައެވެ. ފަހުގެ ޓެކްނޮލޮޖީ ބެނުންކޮށްގެން ވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކަށް ލައްގަމުންދާ ބައިތަކުގެ ސަބަބުން ބޯޓު ފެނިދާނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.