ޝަހީދާ އަބްދުﷲ ސައީދު
މާލެ ސަރަހައްދުގައި ދެމުންދާ ޓެކްސީގެ ޚިދުމަތަށް އަގު ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް، ފޯރަމެއް ބާއްވަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީގެ އަގު، ކަނޑައެޅުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް ބާއްވާ ފޯރަމް އޮންނާނީ މާދަމާރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.
މި ފޯރަމްގައި، "މީޓަރު ޓެކްސީ" އަށް ބަދަލުކުރުމަށް މުއްދަތު ދިނުމާއި، ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް އަގުތައް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
އޭގެ އިތުރުން މާލޭގައި ދުއްވާ ޓެކްސީތަކުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރާ އިރު، އެއާޕޯޓަށް ހާއްސަކޮށްގެން ޓެކްސީއެއް ތައާރަފު ކުރުމަށް ވެސް މަޝްވަރާކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ބުރިޖާއި ހައިވޭ ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަަކުގެ އަގުތައް ކަނޑައެޅުމާއި ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ނިންމާފައި މިވަނީ މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ބައެއް ޓެކްސީތަކުން ފައިސާ ނަގަމުންދާ މައްސަލައިގައެވެ.
އެގޮތުން މާލެއިން އަދި ހުޅުމާލެއިން ހުޅުލެއަށް ކުރާ ދަތުރުތަކަށް 35 ރުފިޔާ ނަގަން ކަނޑައަޅާފައިވާ އިރު ޑްރައިވަރުން ނަގަމުންދަނީ 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ.
އަދި މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް 100 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއް ނަގާއިރު ސަރުކާރުން ހަމަޖައްސާފައިވަނީ 45 ރުފިޔާ ނެގުމަށެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން އެ އުސޫލަށް އަމަލުނުކުރާ މައްސަލައިގައި އާންމުން ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ޝަކުވާ ކުރަމުންނެވެ.