ޚަބަރު

ނައިފަރުގެ މަގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އެރަށުގެ ޒުވާނުން ސައިކަލު ބުރެއް ބާއްވައިފި

އަލީ ޔާމިން

ޅ. ނައިފަރުގެ މަގުތަކުގެ ހާލަތާ މެދު އަޑުއުފުލައި އެ މަގުތައް ބޭނުންކުރުމުގައި ހުރި ދަތިތަކުގެ އަޑު ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް އިއްވުމުގެ ގޮތުން ނައިފަރު ޒުވާނުން އިސްނަގައިގެން "މަގުތައް އޯކޭތަ؟"ގެ ނަމުގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ވިދާޅުވީ، އެ ސައިކަލު ބުރު ބާއްވާފައިވަނީ އިއްޔެ ހަވީރު ކަމަށާއި އެ ސައިކަލު ބުރުގައި ދެ ޖިންސުގެ 300 އެއްހާ ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.

ސައިކަލު ބުރުގެ ބައިވެރިން ވަނީ އެރަށުގެ މަގުތަކުގައި ވަޅުގަނޑުގަނޑު ހެދިފައިވާތީއާއި ޗަކަ ހެދިފައިވާތީ ހިނގާބިނގާވެ އުޅޭ މީހުންނާއި މަގުތަކުގައި ދުއްވާ ވެހިކަލްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކޮށް، އެރަށުގެ މަގުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.

ނައިފަރު މަގުތަކުގެ ހާލަތު ކިޔައިދެއްވަމުން ޝާހިދު ވިދާޅުވީ، ވިއްސާރަ މޫސުމެއް ނަމަ އެރަށުގެ ގިނަ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ޗަކަ ހެދޭ ކަމަށެވެ. ހާއްސަކޮށް ސްކޫލު ސަރަހައްދާއި ރަށުގެ އޮފީސް ހުންނަ ސަރަހައްދުގައި ފެންބޮޑުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނައިފަރުގެ މަގުތަކުގެ ކަންބޮޑުވުން އެރަށުގެ ކައުންސިލުން ހައުސިން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނައިފަރުގެ މަގުތަކުގެ ހާލަތާ މެދު އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ހިދުމަތްވެސް ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުކެނޑިފައެވެ.