ޚަބަރު

ހަތަރުތަނެއް ފަޅާލައި ށ. ފުނަދޫގައި ބޮޑެތި ވައްކަންތަކެއް ކޮށްފި

އިބްރާހިމް ޒަކީ

ށ. ފުނަދޫން ބޮޑެތި ވައްކަންތަކެއް ކޮށްގެން މިއަދު ހުށަހެޅި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ށ. ފުނަދޫގެ ހަތަރު ތަނަކުން ވައްކަން ކޮށްގެން މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލި ބެލުމުން އެ ރަށުގެ ގެއަކާއި ދެ ފިހާރައަކާއި ފޮޓޯ ސްޓޫޑިއޯއެއް ފަޅާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށާއި މިހާތަނަށް އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ފުނަދޫން ފަޅައިލި ފިހާރަތަކުގެ ތެރެއިން، "ފަތްމިނި ކޯނަރ1" ގެ ވެރިފަރާތުން ވަން އޮންލައިނަށް ބުނީ، އެ ފިހާރައާ ޖެހިގެން ހުރި "ޓިއާމޯ" ފިހާރަވެސް ފަޅާލާފައިވާ ކަމަށެވެ. އަދި "ފަތްމިނި ކޯނަރ1" ފަޅާލާފައިވަނީ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށާއި "ޓިއާމޯ" ފިހާރައިން ވައްކަން ކޮށްފައިވަނީ، އެ ފިހާރައިގައި ހުރި އެލްމިނިއަމް ދޮރުފަތް ދޮރުކަންޏާ ފޭކޮށްގެން ވަދެ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ "ފަތްމިނި ކޯނަރ" އަކީ ހުރިހާ ބާވަތްތަކެއްގެ އެއްޗެހި ވިއްކާ ފިހާރައެއް ކަމަށެވެ. އަދި "ޓިއާމޯ" ފިހާރައަކީ އަންނައުނާއި ބުރުގާގައި ޖަހާދައްޗާއި ގަޑިފަދަ ތަކެތި ވިއްކާ ފިހާރައެއް ކަމަށާއި އެ ފިހާރައިން ގިނަ އަދަދެއްގެ މުދަލާއި ފައިސާ ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލައިގައި ފުލުހުން މިއަދު މެންދުރު މީހަކާ ސުވާލު ކުރިކަން އެނގިފައިވާ ކަމަށެވެ.