އަލީ ޔާމިން
އެޓީސީސީން ދިވެހިންނަށް ހާއްސަކޮށްގެން މިމަހު އެކަނިވެސް 100 އަށްވުރެ ގިނަ ވަޒީފާ އިއުލާނުކޮށްފި އެވެ.
ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ އެމްޓީސީސީން ވަޒީފާއަށް އިއުލާނު ކޮށްފައިވާ ރަށްރަށުގެ ތެރޭގައި ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އާއި ރ. އުނގޫފާރާއި ރ. ދުވާފަރު އަދި ނ. މިލަދޫއާއި ފުވައްމުލައް ސިޓީގެ އިތުރުން ކ. ގުރައިދޫ ހިމެނެއެވެ.
އެމްޓީސީސީން މިމަހުގެ ތެރޭގައި އެކަނިވެސް 100އަށް ވުރެ ގިނަ ވަޒީފާ އިއުލާނުކުރިއިރު، އޭގެ ތެރެއިން މިހާރު މުއްދަތު ހަމަނުވެ އޮތީ، ރ. އުނގޫފާރު ސައިޓުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ކުރި އިއުލާނާއި ރ. ދުވާފަރު ސައިޓުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ކުރި އިއުލާނާއި އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަނަށް ސެކިއުރިޓީ އޮފިސަރުން ހޯދަން ކުރި އިއުލާނާއި ޏ.ފުވައްމުލައް ޕްރޮޖެކްޓް ސައިޓުގައި މަސައްކަތްކުރާނެ ލޭބަރުން ހޯދަން ކުރި އިއުލާނުގެ އިތުރުން އެކުންފުނީގެ ޓްރޭޑިންގް ޑިވިޝަނަށް ބޭނުންވާ ޕްރޮޑަކްޓް އޮފިސަރުން ހޯދަން ކުރި އިއުލާނެވެ.
އެމްޓީސީސީން އިއުލާނު ކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި ލޭބަރުންނާއި އެކްސްކަވޭޓަރު އޮޕަރޭޓަރުންނާއި ލޯޑަރު އޮޕަރޭޓަރުންނާއި ޕިކަޕު ޑްރައިވަރުންނާއި ގްރޭޑާ އޮޕަރޭޓަރުންނާއި އިލެކްޓްރިޝަނުންނާއި އެޑްމިން އޮފިސަރުން ފަދަ ވަޒީފާތައް ހިމެނެއެވެ.
އެމްޓީސީސީން ވަޒީފާތައް އިއުލާނުކުރަމުން ގެންދަނީ ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގެ ސިޔާސަތެއްގެ ތެރެއިން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
އެމްޓީސީސީން ދިވެހިންނަށް އަމާޒުކޮށްގެން އެތައް ވަޒީފާއެއް އިއުލާނުކުރިއިރު، އެ ކުންފުނީގެ ކޮންނަ ބޯޓި "މަހާޖައްރާފު" ވެސް މިހާރު ދުއްވަނީ ދިވެހިންނެވެ. އެއާއެކު އެކުންފުނީގެ ޕޭރޯލަށް 6.5 މިލިއަން ރުފިޔާ ފައިދާވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.