ޚަބަރު

ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެއްޖެ

މަރިޔަމް ޝަހުދާ

ދެހާސް ސަތާރަ ވަނަ އަހަރަށް ވުރެ 2018 ގައި އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ބަޔާނެއްގައިވާ ގޮތުގައި ފާއިތުވި 2018 ވަނަ އަހަރު 83 މައްސަލައެއްގައި ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. ނަމަވެސް 2017 ވަނަ އަހަރު އަތުލައިގަނެވިފައި ވަނީ 25 މައްސަލައެއްގެ މަސްތުވާތަކެއްޗެވެ. ޖުމްލަގޮތެއްގައި ބަލާނަމަ ކަސްޓަމްސް އިން މިދިޔަ އަހަރު އަތުލައިގަނެފައިވަނީ 32 ކިލޯގެ މަސްތުވާތަކެއްޗެވެ.

ކަސްޓަމްސްއިން ހާމަކުރިގޮތުގައި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން 11، ޕޯސްޓްގެ ޒަރިއްޔާއިން 68، އެއާ ކާގޯ މަގުން ތިނެއް އަދި ކަނޑުމަގުން އެއް މައްސަލައިގައެވެ. ޖުމްލަ ފަސް ބާވަތެއްގެ މަސްތުވާތަކެތި މިދިޔަ އަހަރު އަތުލައިނެފައިވާއިރު އެންމެ ގިނައިން އަތުލެވިފައިވަނީ ހެރޮއިންއެވެ.

2017 ވަނަ އަހަރަށް ވުރެ 2018ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވި އިރު، 2017 ވަނަ އަހަރަށް ވުރެ 2018 ވަނަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ މިންވަރުވެސް އިތުރެވެ. އެގޮތުން 2018ގައި 32 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ އިރު، 2017 ވަނަ އަހަރު އަތުލައިގަނެފައިވަނީ ޖުމްލަ 24 ކިލޯގެ މަސްތުވާ ތަކެއްޗެވެ.