ޚަބަރު

މާލޭގެ މިސްކިތްތަކާއި ގަބުރުސްތާންތަކާއި މޯޗަރީތައް ސިޓީ ކައުންސިލާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

މާލޭސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތަކުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިން ހުރި މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތަކުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ހަވާލު ކުރީ ލާމަރުކަޒީ ނިޒާމުގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. ލާމަރުކަޒީ ނިޒާމުގެ ގާނޫނުގެ 42 ވަނަ މާއްދާގައި ވާގޮތުން މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތަކަކީ ކައުންސިލުން އެތަންތަނަށް ޒިންމާވާ ތަންތަނެވެ. ނަމަވެސް މީގެ ކުރިން މިތަންތަން ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ މިސްކިތަކާއި، ގަބުރުސްތާނުތަކާއި މޯޗަރީތައް މިއަދު ވަނީ މާލޭ ސިޓީކައުންސިލާ ހަވާލު ކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން މާލޭ ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވިީ ވަކި ހާއްސަކަމެއް ދީގެން، މިސްކިތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ މަސައްކަތް އެ ކައުންސިލުން ކުރާނެކަމަށެވެ. މީގެ އިތުރުން ގާނޫނަށް އައި ބަދަލުގެ ތެރެއިން މިކަންކަން ބެލުމަށް ކައުންސިލްތެރޭ ވަކި ކޮމިޓީއެއް އުފައްދާފައިވާ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި ރައްޔިތުންނަށް މިކަމުގެ މަސައްކަތްތައް ފެނިގެންދާނެކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުސްތަފާ އަބްދުﷲ ވިދާޅުވިގޮތުގައި މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތައް ފޮޅާ ސާފުކޮށް، އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކުރެވުނު ނަމަވެސް އިމާމުން އަދިވެސް ތިއްބަވާނީ މިނިސްޓްރީގެ ދަށުން މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައެވެ. މީގެ އިތުރުން މިސްކިތްތެރޭގައި ހިންގާ، ދަރުސް ނުވަތަ ގުރުއާން ކުލާސް ހިންގުންފަދަ އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީއިން ހުއްދަ ހޯދަން ޖެހޭނެކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މިހަފްތާތެރޭގައި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލަށް، އެ ސިޓީ ތަކުގެ މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތައް ހަވާލު ކުރާނެކަމަށް މިނިސްޓްރީއިން ވިދާޅުވި އެވެ.