ރާއްޖޭގެ މާކަނޑުގައި ދިރިއުޅޭ ތުތިބޯވަދިލަމަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން، ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ދޫކުރުމުގެ އުސޫލެއް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރުމަށް ދޫކުރާ އެއްޗެއްސަކީ އަގުބޮޑު އެއްޗެހި ކަމަށެވެ. އެހެންކަމުން އެތަކެތި ދޫކުރާނީ ދިގު މުއްދަތުގައި އަގު އަދާ ކުރާގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެތަކެއްޗަށް އެދި ހުށަހެޅުމަށް ފުރުސަތު މިހާރު ހުޅުވައިލާފައިވާ ކަމަށާއި މިމަހުގެ 31ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. އެވެ. މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ އެތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ މިނިސްޓްރީގެ ފެޑް ސެންޓަރުން އެތަކެތި ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރަފުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލީހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.