މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ދޭ ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީގެ ކުރިން ވެސް ޒަކާތު ފަންޑުން މަތީ ތައުލީމަށް ފުރުސަތު ހުޅުވާލައެވެ. ނަމަވެސް މީގެ ކުރިން ފުރުސަތު ހުޅުވާލަނީ މުޅިން އަލަށް މަތީ ތައުލީމް ފަށައިގަންނަ ދަރިވަރުންނަށެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި ގްރެޖުއޭޓް ނުވެވިފައި ތިބި ދަރިވަރުންނަށް "މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލާޝިޕާއި ހާއްސަ އެހީ ދިނުމުގެ އުސޫލު" ގެ ދަށުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
ސްކޮލާޝިލް ދިނުމުގައި އިސްކަން ދޭނެ އުސޫލުތަކާއި ސްކޮލާޝިޕް ދެވޭނެ އުސޫލާއި މިންގަނޑާ ގުޅޭ މައުލޫމާތުވެސް ގެޒެޓްކުރި "މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލާޝިޕާއި ހާއްސަ އެހީ ދިނުމުގެ އުސޫލު" ގައި ހިމަނާފައި ވެއެވެ.