އިބްރާހިމް ޒަކީ
ހދ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ އެއަތޮޅު ފަރިދޫ، މާވައިދޫ، އަދި ކުނބުރުދޫ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބި ތިބި 52 އާއިލާއަށް ބޯހިޔާވަހިކަން ދިނުމަށް އަޅާ ގެތަކުގެ މަސައްކަތް ތިންމަސް ދުވަހުގެ ތެރޭގައި ނިންމައި، ހަވާލު ކުރެވޭވަރުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝާމިން މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ، މަސައްކަތް ހުއްޓިފައިވަނީ، އެ ގެތަކުގެ 60 ޕަސެންޓް ނިމިފައި ވަނިކޮށް ކަމަށެވެ. އަދި އެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް އަންނަ ހަފްތާގައި ބަޔަކު ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެ ގެތަކުގެ މަސައްކަތް، ކުރީގެސަރުކާރުތަކުން ހަވާލު ކޮށްފައި އޮތީ، ނޫމަޑި ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް މަސައްކަތް ކުރިއަށްނުގެންދާތީ، އެ ކުންފުނީގެ އަތުން އެ މަޝްރޫޢު ޓާމިނޭޓް ކޮށްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޝާމިން ވިދާޅުވި އެވެ.
ޝާމިން ވިދާޅުވީ، އަންނަ ހަފްތާގައި ބަޔަކާ ހަވާލު ކުރެވި ތިންމަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭވަރުވާނެ ކަމަށެވެ. އަދި މަސައްކަތް ނިމޭ ވަރަކުން ގެތައް ހަވާލު ކުރެވެމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނޮޅިވަރަންފަރު ގައި އަޅާ އެ ގެތަކުގެ މަސައްކަތް ހުއްޓިފައިވާތާ، އަހަރުތަކެއް ވަނީ ވެފައެވެ. އެ ގެތަކާބެހޭ މައުލޫމާތު އޮޅުފިލުވުމަށް، އަމިއްލަ ފަރާތަކުން ނޮޅިވަރަންރަފު ކައުންސިލަށް ހުށަހެޅުމުން އެ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ސޮއިކުރައްވައި، އެފަރާތަށް ދިން ލިއުމުގައި ބުނެފައިވަނީ، އެ ގެތަކުގެ މަސައްކަތްތަކަކީ ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ކަމާބެހޭ ފަރާތްތަކުގައި، އެކަން އަވަސްކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށެވެ.
"ކައުންސިލް އިދާރާގެ ފަރާތުން ކުރެވިފައިވާ މަސައްކަތަކީ، ކަމާބެހޭ ފަރާތްތަކުގައި މިކަން އަވަސްކޮށްދިނުމަށް ދެންނެވުމެވެ. އަދި މިކަން އަވަސްކޮށްދިނނުމަށް މިނިސްޓްރީއަށް ފޯނުން ގުޅައިގެން އެދުމާއި، ރަސްމީކޮށް މާލެގޮސް ކަމާބެހޭ ފަރާތަކާ ބައްދަލުކޮށް މިކަމުގެ މަޝްވަރާތައް ކުރެވިފައިވެ އެވެ."، ހދ. ނޮޅިވަރަންފަރު ރޯޒްވިލާ ނާހިދު ހަސަންއަށް، ކައުންސިލުން ދިން ލިއުމުގައި ބުނެފައިވެ އެވެ.
ހދ. ފަރިދޫ އާއި ކުނބުރުދޫ، އަދި މާވައިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ، 2011 ވަނަ އަހަރުގަ އެވެ. އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، އެ ތިންރަށަކީ މީހުން ނޫޅޭ ރަށްތަކެއްގެ ގޮތުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން، ކަނޑައަޅައި އެ ތިން ރަށުގެ މީހުން ނޮޅިވަރަންފަރުގެ ރައްޔިތުންގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ.