ޚަބަރު

ސީލައިފްއާ ދެކޮޅަށް 203 ފަރާތެއް މައްސަލަ ހުށަހަޅައި، ކޯޓުން ރެޖިސްޓްރީކޮށްފި

އަހުމަދު ޖައިޝަން

ސީލައިފް ގްލޯބަލް އިން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން 203 ފަރާތެއް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ކޯޕަރޭޓް އެންޑް ޕަބްލިކް އިންޓްރެސްޓް ލޯޔަރެއް ކަމަށްވާ މަރިޔަމް ޝުނާނާ ވިދާޅުވީ ސީލައިފް މައްސަލައާ ގުޅިގެން އެކުންފުންޏާއި އެކުންފުނީގެ ޑައިރެކްޓަރުންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އިިއްޔެ އެ މައްސަލަތައް ވަނީ ސިވިލް ކޯޓުން ބަލައިގަނެފައި ކަމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ އެ މައްސަލައަކީ މިހާތަނަށް ކުންފުންޏަކާ ދެކޮޅަށް އެންމެ ގިނަ ބަޔަކު މައްސަލަ ހުށަހަޅާ ކޭސް ކަމަށެވެ.

އެ މައްސަލައިގައި ގެއްލުން ވެފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ހުޅުމާލެއިން ފްލެޓް ވިއްކާނެކަމަށް ބުނެ، އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ، ސީލައިފް ގްލޯބަލްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް މިދިޔަ އޮކްޓޯބަރު މަހުގައި ހުށަހެޅިއެވެ.