ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުސް އޮފީހަށް ހާޒިރުކުރީ ހިޔާނާތުގެ ފައިސާ ލޯންޑާކޮށް، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޔާމީން މިއަދު މެންދުރު ފަހު 1:30ގައި ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު، އެތަނުން ނުކުމެވަޑައިގެންނެވީ ހަވީރު 5:30 ގައެވެ.
ފުލުހުން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށް އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި އެމަނިކުފާނު ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސުވާލު ކުރެވިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމާއި އެ ތުހުމަތުތައް ބިނާކުރާ ގާނޫނީ މާއްދާތަކާއި ތުހުމަތުގައި ސުވާލުކުރެވޭ ފަރާތަށް އަންގަންޖެހޭ ގާނޫނީ އިންޒާރު އިއްވައި އެކަންކަން ފަހުމުވި ކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ،" ފުލުހުން ބުންޏެވެ.
މިއަދު ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ މިއަދު ތުހުމަތުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުން އުފެއްދި އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އޭސީސީއާއެކު އެއްބަސްވި ގޮތަށް ނޫން ކަމަށް އޭސީސީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށާއި ނަމަވެސް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމަނިކުފާނާއި އޭސީސީއާ ދެމެދު މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ސޮއި ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ބަލަމުންގެންދާ މައްސަލަތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރި ނަމަވެސް އެއްވެސް ބުރަދަނެއް ހުރި މައްސަލައެއް އުޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެފަދަ ގޯހެއް ހަދާފާނެ ކަމަށް ރައްޔިތުން ވިސްނުމަކީ ވެސް ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.