ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދެއްވާ ގައުމީ އިނާމު މިއަހަރު ދިނުން ފަސް ކޮށްފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ގައުމީ އިނާމު ދިނުން ފަސްކޮށްފައިވަނީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ގައުމީ ދުވަހުގެ ޖަލްސާ ނުބާއްވާ ގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެންނެވެ. އެގޮތުން ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވުމުން ގައުމީ އިނާމު ދިނުމަށް ހާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ގައުމީ އިނާމު ދިނުމަށް ހާއްސަ ކޮށްގެން ބާއްވާ ޖަލްސާ ބާއްވާނެ ތާރީހެއް ރައީސް އޮފީހުން ފަހުން އިއުލާނު ކުރާނެ އެވެ.
މިއަހަރުގެ ގައުމީ އިނާމަށް ފޯމު ހުށަހަޅާފައިވަނީ 94 ފަރާތަކުން ކަމަށް ރައީސް އޮފީހުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.
ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.
ސަރުކާރުން މި އިނާމު ފުރަތަމަ ދޭން ފެށީ އާންމު ހިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. މި އިނާމު ދެއްވަމުން ގެންދަވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އަދި ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދޭ ގޮތަށް ހަމަޖެއްސިއެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ އިނާމު ގައުމީ ދުވަހު ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވައިފައެވެ.