ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ޝަހުދީ އެޕާޓީއަށް ސޮއިކުރައްވާފައިވަނީ މިއަދު ކުނޫޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޝަހުދީ ޕާޓީއަށް ސޮއިކުރެއްވި ފޯމާ ހަވާލުވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.
ޖުމްހޫރީ ޕާޓީއަށް ޝަހުދީ ސޮއިކުރެއްވި މިއީ ދެވަނަ ފަހަރެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދަކުރެއްވި އިރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އޭގެ ފަހުން ޕީޕީއެމްއަށް ސޮއިކުރައްވައި، އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވުމަށް ފަހު، 2017 ވަނަ އަހަރުގެ ތެރޭގައި ޝަހުދީ ވާނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.
ޝަހުދީ ޖުމްހޫރީ ޕާޓިއަށް ސޮއިކުރެއްވުމާ ގުޅިގެން އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ޝަހުދީއަށް މަރުހަބާ ދަންނަވައިފައެވެ.
ޝަހުދީގެ އިތުރުން ޖޭޕީއަށް އިއްޔެ ވަނީ އަލްހާން ފަހުމީ ވެސް ސޮއިކުރައްވައިފައެވެ.