ޚަބަރު

ޒިނޭ ކުރިކަން ސާބިތުވި މީހަކު ރަޖަމު ކުރަން ނައިފަރު ކޯޓުން ހުކުމްކޮށްފި

ޒިނޭ ކުރިކަން ސާބިތުވި މީހަކު ރަޖަމު ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ އެ ހުކުމްކުރި ނައިފަރު ކޯޓުގެ ގާޒީ ޝެއިހު މުހައްމަދު މޫސާގެ ފަރާތުން ރަޖަމު ކުރަން ހުކުމުކުރި ކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނޭނގޭ ކަމަށެވެ.

ކާރިމް ވިދާޅުވީ ރަޖަމު ކުރަން ހުކުމުކޮށްފައިވަނީ ނައިފަރު ރައްޔިތެއްގެ މައްޗަށް ކަމަށާއި ނަމަވެސް އެމީހާގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ނައިފަރު ކޯޓުން ރަޖަމު ކުރަން ހުކުމްކުރި ނަމަވެސް ޒިނޭގެ ހުކުމްތަކާއި މަރުގެ ހުކުމްތަކަށް އޮންނަ އުސޫލަކީ، އެ މައްސަލަ ސާބިތުވާ ފަރާތުން ވަކި މުއްދަތެއްގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަނާޅައިފި ނަމަ ޕީޖީ އޮފީހުން އިސްތިއުނާފު ކުރުމަށް ހުށަހަޅާނެއެވެ.

މީގެ ކުރިން ޒިނޭ ކުރި ކަމަށް އެއްބަސްވި އަންހެނަކު ރަޖަމު ކުރުމަށް 2015 ވަނަ އަހަރު ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް އެ ފަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.