މާފުށީ ޖަލުގައި މާރާމާރީއެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 6:00ގައި ލިބިފައިވާ ކަމަށާއި އެ މާރާމާރީގައި ތިން މީހަކަށް ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެ މާރާމާރީގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގުމާން "ވަން އޮންލައިން"އަށް ވިދާޅުވީ ޖަލުގައި ހަމަނުޖެހުމެއް ހިނގި ކަމަށާއި އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި އެމީހުންނަށް ކުދިކުދި ޒަހަމުތައް ލިބިފައިވާ ކަމަށާއި ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެންނެވެ. އަދި އަނިޔާވި ގައިދީންގެ ހާލު ސީރިއަސް ކަމަށާއި އެކަކުގެ މޭމައްޗަށް ވަޅި ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.