ޚަބަރު

ސިޔާސީ ސަބަބުތަކަށްޓަކައި އަދަބު ލިބުނު މީހުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފެބުރުއަރީ 2012 ގެ ފަހުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ބަންދުކޮށް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ މީހުންނާއި އެކިއެކި ހުކުމްތައްކޮށް، އެ ހުކުމްތައް ތަންފީޒު ކުރަމުންދާ މީހުން ޝަކުވާ ހުށަހެޅުމަށް ކުރިން ހުޅުވާލި މުއްދަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުކުރައްވައިފިއެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ މީހުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ އެ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނުގައިވެއެވެ.

އެ ފުރުސަތު ކުރިން ހުޅުވާލާފައިވަނީ 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުހައްގުން ބަންދުކޮށްފައިވާ މީހުން މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމުގެގޮތުން، އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައި، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފައްޓަވައިފައެވެ.