ޚަބަރު

ގެސްޓްހައުސްތަކުން އުންމީދީ ފައިދާ ލިބޭނީ އެއްބައިވަންތަވެގެން: މިނިސްޓަރު

އަލީ ޔާމިން

މިމަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލާ އިރު، އެ ގެސްޓްހައުސްތަކުން އުންމީދީ ފައިދާއެއް ލިބިގެން ދާނީ އެއްބައިވަންތަވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާ އިރު، އެކަމުގެ އުންމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން ކަމަށެވެ.

"ގެސްޓްހައުސްތައް މިމަހު 15 ގައި ހުޅުވަން ފަށާ. އުންމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން. އެންމެން އަތުގުޅާލައި ފަރުވާތެރިކަން އިސްކޮށްގެން ތިޔަކުރައްވާ މިންނެތް މަސައްކަތުން އިރާދަފުޅުކުރެއްވިއްޔާ މިކަން ކާމިޔާބު ކުރެވޭނެ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ގެސްޓްހައުސްތައް ހުޅުވުމަށް ކުރިން ނިންމާފައި އޮތީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ގެސްޓްހައުސްތައް ހުޅުވުން މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ގެސްޓްހައުސްތައް ހުޅުވުމުގައި އަމަލުކުރަން ޖެހޭނެ ގައިޑްލައިން މިނިސްޓްރީގެ ފަރާތުން ގެސްޓްހައުސްތަކާ މިހާރު ހިއްސާކޮށްފައިވާ އިރު، އެ ގައިޑްލައިނުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭނެ މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނާއި އެ ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭނެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

މިމަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ނިންމާފައިވާ އިރު، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު ބޯޑަރުތައް ހުޅުވައިި، ރާއްޖެއަށް ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 20،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ގެސްޓްހައުސްތައް ހުޅުވިގެން ދިއުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގެސްޓްހައުސްތައް ނުހުޅުވި ގިނަ ދުވަސްތަކެއްވެގެން ގޮސްފައިވާތީ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިމަހު 15 ގައި ހުއްދަ ދޭން ނިންމާފައި ވަނީ އަތޮޅުތަކުގެ ގެސްޓުހައުސްތައް ހުޅުވުމަށެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން އަދި ނިންމައިފައެއް ނުވެއެވެ.