ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށް މިއަދު ސުވާލުކޮށްފައިވަނީ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރާ ގުޅޭގޮތުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައިސް ޔާމީން ވިދާޅުވީ މިއަދު ތުހުމަތުކުރީީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުން އުފެއްދި އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އޭސީސީއާ އެކު އެއްބަސްވި ގޮތަށް ނޫން ކަމަށް އޭސީސީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އޭސީސީން ބުނި އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމަނިކުފާނާއި އޭސީސީއާ ދެމެދު މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ސޮއި ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އަދި އެ ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެގްރީމެންޓާ ހިލާފަށް ނޫނީ އެގްރީމެންޓުގައި ބުނާ ގޮތް ނޫން ގޮތަށް ކަމެއް ދާ ކަމަށް ވަންޏާ ހަމަ އޭސީސީން އަޅުގަނޑާ އެވާހަކަ ދައްކަވަންވީ. ދެއްކެވީމަ އެ ވިދާޅުވާގޮތަކަށް ރަނގަޅު ކުރުމަކީ އަޅުގަނޑުގެ އަތްމަތީގައި އޮތް ކަމެއް. އެކަހަލަ ކަމެއްގައި މައްސަލައެއް، ޖިނާއީ ތަހުގީގެއް ކުރާ ހިސާބަށް މައްސަލަ އޭސީސީން ގެންދެވީމަ ތަންކޮޅެއް ހިތުގައި އިހުސާސްތަކެއް ހިމެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އޭސީސީން މައްސަލަ އުފައްދާ އެއް މިލިއަން ޑޮލަރަކީ އަދި މިމަރުހަލާގައި އެމަނިކުފާނު އޭސީސީއާ ހަވާލުކުރަންޖެހޭ ފައިސާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ޖާއިޒު ނޫން ގޮތުގައި ހޯދާފައިވާ އެއް މިލިއަން ޑޮލަރު ކަން އަދި އެއްވެސް ގޮތަކަށް ސާބިތު ކުރެވިފައި ނުވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.