މުހައްމަދު އައުޒަމް
ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް މިނިވަންކޮށްފިއެވެ.
ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރުމަށް ހައިކޯޓުން ވަނީ މިއަދު އަމުރެއް ނެރެފައެވެ. އެމަނިކުފާނު ދޫކޮށްލީ އެ އަމުރުގެ ދަށުން، ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު މައްސަލައިގައި ވަކިގޮތެއް ނިމެންދެނެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނުދޭން އެންގުމުން ފޯނު ނުދިން މައްސަލާގައެވެ. އެ މައްސަލާގައި މައުމޫންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާއެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަދި ނުފަށައެވެ.
ރައީސް މައުމޫން މިނިވަންކުރުމާއެކު އެންދެރިމާގެއަށް ވަޑައިގަތްވަގުތު އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވަނީ މަރުހަބާ ދެންނެވުމަށްޓަކައި އެގޭ ކައިރިއަށް އެއްވެފައެވެ.