އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ

ކަނޑުފަޅަށް ކުނި އަޅާ ދޯނިތަކާއި ރިސޯޓުގެ ނަންތައް އާންމުކުރުމަށް ބޮންޑާ ގޮވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ރިސޯޓުތަކުން ތިލަފުއްޓަށް ގެންދާ ކުނިތައް ކަނޑަށް އުކާލާ ދޯނި ތަކާއި ރިސޯޓުތަކުގެ ނަންތައް އާންމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ގޮވާލައްވައިފި އެވެ.

އިބްރާހީމް ރަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަދަމުންދާ ރިސޯޓުތަކުން ތިލަފުއްޓަށް އުކާލަން ފޮނުވާ ކުނިބުނި، ލޮލަށް ނުފެންނަ ހިސާބަށް ނުކުމެ ކަނޑަށް ނުވަތަ ފަޅުތަކަށް އުކާލާ ކަމަށެވެ.

އަދި އޭގެ ސަބަބުން އަތޮޅުތަކުގެ އެތެރެވަރި އޮތީ ކުނިކޮށްޓަކަށް ވެފައި ކަމަށްވެސް ވިދާޅުވި އެވެ.

ބޮންޑާ މިފަދަ ޓުވީޓެއްކުރައްވާފައި މިވަނީ މާލޭގެ މަގުމައްޗަށް ކުނި އެޅި ތިން މީހެއްގެ ނަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު އާންމުކޮށްފައިވަނިކޮށެވެ.