ޚަބަރު

ރިސޯޓަކުން ފައިސާތަކަކާއި ފޯނުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ރިސޯޓަކުން ފައިސާތަކަކާއި މޮބައިލް ފޯނުތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ރޭ 2:30 ހާއިރު، ރިސޯޓެއްގެ ބައެއް މުވައްޒަފުން ނިދާ ކޮޓަރިތަކަށް ވަދެ ވައްކަންކޮށް، އެ ރިސޯޓުގެ މުވައްޒަފުންގެ ފިހާރަ ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ، އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހެކެވެ.

އުނގޫފާރުު ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 5000ށް ވުރެ ގިނަ ރުފިޔާއާއި، ހަތަރު މޮބައިލް ފޯނާއި ދެ ސިނގިރެޓު ކާޓޫނު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.