އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ވެސް ސާބިތުވެފައިވާތީ، މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތަކަށް ހުކުމް އިއްވައިފައެވެ.
އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކު އެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވަނީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ އާއި ކޮރަޕްޝަންގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލުމަށެވެ.
މި ދައުވާތައް އިއްވުމަށްފަހު ގާޒީ ވަނީ، އަދީބަށް އިއްވި ހުކުމްތަކުގެ ތެރެއިން ޖޫރިމަނާތައް އެއް މަސް ދުވަސް ތެރޭގައި މީރާ އަށް ދައްކައި ހަލާސް ކުރުމަށް ވެސް އަމުރުކޮށްފަ އެވެ.