ހއ. އުލިގަމުގައި ޔޮޓް މެރީނާއަކާއެކު ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ބިޑް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އުލިގަމުގައި 100 އެނދުގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް 2007 ވަނަ އަހަރު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ އެވެ. އެރަށުން އެކަމަށް 36 ހެކްޓަރުގެ ބިން ދޫކުރި އެވެ.
ނަމަވެސް 2015 ވަނަ އަހަރު އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ. އެއްބަސްވުން ބާތިލުކުރި އިރު އެތަނުގެ ބައެއް މަސައްކަތް ވަނީ ނިންމައިފަ އެވެ. އެތަންތަން ނިންމުމަށް 4.5 މިލިއަން ޑޮލަރު އެކުންފުނިން ހަރަދުކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އަލިގަމުން 36 ހެކްޓަރުގެ ބިމެއްގައި ޔޮޓް މެރީނާއަކާއެކު ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ރާއްޖެ އާއި ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެ ބިޑާ ގުޅޭ އިތުރު މައުލޫމާތު ދިނުން މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ޓޫރިޒަމް މިނިސްޓްރީގައި އޮންނާނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ބިޑު ޑޮކިއުމަންޓުތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ގަންނަން ހުންނާނެ އެވެ.
އުލިގަމަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ޔޮޓު ބަނދަރު ކުރާ ރަށެވެ. އެގޮތުން ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރުކުރާ ރަށުގައި ޔޮޓް ސާވިސް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ޔޮޓްތަކުން ކަސްޓަމްސްއަށް ނަގާ ފީގެ 75 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.