ޚަބަރު

ގިނަ އަދަދެއްގެ މުދާ ހިފައިގެންއައި ބޯޓެއް މުދާ ނުބާލައި ފުރައިފި

ޗައިނާގެ ޝަންހައި އިން 100 ކޮންޓެއިނަރގެ މުދާ ހިފައިގެން ރާއްޖެއައި އާގު ބޯޓެއް މުދާ ނުބާލައި ފުރައިފިއެވެ.

މިދިޔަ މަހުގެ 25 ގައި ރާއްޖެއައިސްފައިވަނީ "ސިޓީ އޮފް ޝަންހައި" އެވެ. އެ ބޯޓު ނުވަ ދުވަހަށް ފަހު، ސްރީލަންކާއަށް ދިއުމަށް ފުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ބޯޓަކީ "ސީއެމްއޭ ސީޖީއެމް" އަށް ނިސްބަތްވާބޯޓެކެވެ. އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަކީ ފޮރިން އިންވެސްޓްމަންޓަކުން ހިންގާ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް) އެވެ.

ޓީޓީއެސްގެ ސީއީއޯ އަރޯޝާ ފެނާންޑޯ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ބޯޓުން މުދާ ނުބާލައި ބޯޓު ފުރީ މާލޭ ޕޯޓްގައި ނުވަ ދުވަހު މަޑު ކުރުމަށް ފަހު، ސީއެމްއޭ ސީޖީއެމް އިން އެނގުމުން ކަމަށާއި އަދި ކުރިއަށް ހުރި ޝެޑިއުލްތަކަށް ބުރޫ އަރާތީ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޝާހިދު އަލީއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

ނަމަވެސް ބައެއް މީޑިއާތަކަށް ޝާހިދު އަލީ މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ބޯޓު ފުރައިގެން ދިޔައީ އެމްޕީއެލްއިން މުދާ ބޭލޭނެ ކަމަށް ދިން ތާރީހަށް ވުރެ އެއް ދުވަސް ކުރިން (ބުރާސްފަތި) ދުވަހު ކަމަށެވެ. އަދި ބޯޓު ފުރައިގެން ދިޔައިރު އެމްޕީއެލް އަށް ސަބަބު ނާންގާ ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

އަދި އެ ބޯޓު މާލެއައުމަށް ފަހު ލަންކާއަށް ދިޔައީ އެމްޕީއެލްގެ ސަބަބުން ނޫން ކަމަށާއި އެ ބޯޓަށް މުދާ ބޭލުމަށް ޝެޑިއުލް ދީފައިވަނީ ހުކުރު ދުވަހަށް ކަމަށް ވެސް ވިދާޅުވިއެވެ.

މުދަލާއެކު ބޯޓު ފުރައިގެން ދިއުމުން ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.