ރައީސް ޔާމީން

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފި

އަހުމަދު ޖައިޝަން

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ދާދި ދެންމެއަކު ވަޑައިގެންފި އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓުކޮޅު ފޮނުއްވާފައިވާކަމަށް ރޭގައި ވަނީ ހާމަވެފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.

އޭރު ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ފުލުހުން ސުވާލުކޮށްފައިވަނީ އެމަނިކުފާނުގެ ކެމްޕެއިން އެކައުންޓާއި އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި ފައިސާގެ މައްސަލައިގައި ކަމަށެވެ.

ތަހުގީގުގެ ބޭނުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފައެވެ.

ފުލުހުން ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟